21/05/2011

ހޯމްވަރކް

(މިއީ އެމެރިކާގެ ޅެންވެރިއެއްކަމަށްވާ އެލެން ގިންޒްބަރގް ލިޔުއްވާފައިވާ "ހޯމްވަރކް" ނަމަކަށް ކިޔުނު ޅެމުގެ ތަރުޖަމާއެކެވެ.)

އަހަރެން އެއްޗެހި ދޮންނަކަމުގައިވަނީނަމަ، ދާވެފައިވާ އަހަރެންގެ އީރާން ދޮންނާނަމެވެ.
އޭގެތެރެއަށް އަހަރެންގެ އެމެރިކާ ލައި، އައިވަރީ ސައިބޯނި އަޅާނަމެވެ.
އެފްރިކާގައި ބުރުސްއަޅައި، ހުރިހާ ދޫނިސޫފާސުއިއްޕާއި އެތްތައް އަލުން ޖަންގަލިތަކަށް ލާނަމެވެ.
އަހަރެން އެމޭޒަން ކޯރު ދޮވެ، ތެޔޮވެފައިވާ ކެރީބިއަން އާއި މެކްސިކޯ ގަލްފު ތާހިރުކުރާނަމެވެ.
އުތުރު ތަނޑީގެ މަތީގައި އޮތް ދުންތައް ފުހެލައި، އެލަސްކާގެ ތެޔޮހޮޅިތައް ފުހޭނަމެވެ.
ރޮކީ ފްލެޓްސް އާއި ލޮސް އަލަމޯސް އުނގުޅައި، އެވިދާ ސީސިއަމް ލަވް ކެނަލުން ބޭރުކުރާނަމެވެ.
ޕާރތެނޮން އާއި ސްފިންކްސްގެ މައްޗަށް ވެހެމުންދާ އެސިޑްގެ ވާރެ އެތަންތަނުން ދޮވެ،
މެދުތެރޭ ކަނޑުގެ އަޑީގައިވާ ކިލަނބުކަން ނައްތާލައި އެކަނޑަށް ނޫކަން އަލުން ގެންނުވައިދޭނަމެވެ.
ރައިން ކޯރުގެ މަތީގައިވާ އުޑުގައި ބްލޫނިލައި، ސްނޯފަދަ ހުދު ސްނޯ ފައިބާތޯ ކުދިކުދި ވިލާތަކަށް ބްލީޗް އަޅާނަމެވެ.
އަދި ހަޑްސަން އާއި ތޭމްސް އަދި ނެކަރ ސާފުކޮށް، އީރީ ކުޅިން ފޮނުތައް ނަގާނަމެވެ.
އެއަށްފަހު އަހަރެން މާސިންގާ ދޮވުމަކުން ލެއިން ފޯވެފައިވާ އޭޝިއާ ދޮވެ، އޮރެންޖް އޭޖެންޓްގެ ވިހަ ނައްތާލާނަމެވެ.
ކިލައިން ތަތްތެޅިފައިވާ ރަޝާއާއި ޗައިނާ ފިއްތާ މެޝިނުން ހިއްކައި، 
އެމެރިކާގެ ފުލުހުންގައި ހުރި ނުކިއްސަރު ލައްތައް ފިލުވާނަމެވެ.
އަދި މުޅި ދުނިޔެ ހިއްކާ ބަޔަށްލައި، ވިއްސަކަށް މިނިޓަށް ހިއްކަން ޖައްސާނަމެވެ.
ނުވަތަ ސާފުވެގެން ނިކުންނަންދެން ޢުމުރުދުވަހަށް ވިޔަސް ބަހައްޓާނަމެވެ.


20/05/2011

ފުރަތަމަ ތިމާ އިޞްލާޙުވާށެވެ.

އަހަރެން ކުޑައިރު، ޚިޔާލާއި ފިކުރު އެއްވެސްކަހަލަ ހިފެހެއްޓުމެއްނެތި ދޫކޮށްލެވިފައި އޮތްއިރު، ދުނިޔެ އިޞްލާޙުކުރުމުގެ ހުވަފެން އަހަރެން ދުށީމެވެ. ނަމަވެސް އަހަރެންގެ އުމުރުން ދޮށިވެ ވިސްނުން ތަރައްޤީވަމުން ދިޔަދިޔަހެން އަހަރެންނަށް ވިސްނުނީ ދުނިޔެއަކީ ބަދަލުވާނެތަނެއް ނޫންކަމެވެ. އެހެންކަމުން އަހަރެންގެ ޤައުމު އިޞްލާޙުކުރުމަށް އަހަރެން ޢަޒުމު ކަނޑައެޅީމެވެ. 


އެކަމަކު، އެކަންވެސް ކުރެވޭވަރުގެ ކަމެއްކަމަކަށް ނުވިއެވެ.

އެންމެފަހުން އަހަރެން ޢުމުރުން ދުވަސްވެ، ގައިބާރުދެރަވެ، ދެން އިސާހިތަކު ދުނިޔެދޫކޮށް ދާންޖެހިދާނެހެން ހީވާންފެށުމުން އެންމެފަހުގެ ކަމެއް ގޮތުގައި ނަމަވެސް އަހަރެންގެ އާއިލާ، އަހަރެންގެ ގާތްތިމާގެ މީހުން އިޞްލާޙުކުރެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. އެހެންނަމަވެސް އެމީހުން އަހަރެންނަށް ދިނީ ބީރު ކަންފަތެކެވެ.

މިހާރު އަހަރެން މަރުތަންމަތީގައި އޮވެ އަހަރެންނަށް ވިސްނެންފަށައިފިއެވެ. ފުރަތަމަވެސް އަހަރެންގެ އަމިއްލަ ނަފްސު އިޞްލާޙުކުރިނަމަ ފަހަރެއްގައި އަހަރެން ނަމޫނާއެއްކަމަށްދެކި އަހަރެންގެ އާއިލާއާއި ގާތްތިމާގެ މީހުންވެސް އިޞްލާޙުވެއްޖައީހެވެ.

އަދި އެމީހުންގެ އެއްބާރުލުމާއިއެކު އަހަރެންނަށް އަހަރެންގެ ޤައުމު އިޞްލާހު ކުރެވިއްޖައީހެވެ. އަދި ކިއެއްހެއްޔެވެ؟ އަހަރެންނަށް ދުނިޔެވެސް އިޞްލާޙު ކުރެވިއްޖައީސް ކަންނޭނގެއެވެ.

ތިމާގެ އަމިއްލަ ނަފްސު އިޞްލާޙުކުރުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، ދުނިޔެ އިޞްލާޙުކުރެވޭނީ ފުރަތަމަ ތިމާ އިޞްލާޙުވެގެންނެވެ.

-ތަރުޖަމާއެއް-